ދުނިޔެ
ރެގާސާ ތޫފާނުގެ ނުރައްކަލުގެ ސަބަބުން ޗައިނާގައި އެތައް މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް އަމުރުކޮށްފި

ޗައިނާގެ ތޫފާންގެ ސަބަބުން ރާޅު ބޮޑުވެފައި
ޗައިނާގެ ދެކުނުގެ އައްސޭރިފަށަށް ގަދަފަދަ ތޫފާނެއް ކަމުގައިވާ 'ރެގާސާ' ގާތްވަމުންދާތީ، އެގައުމުގެ 10 ސިޓީއަކުން އެމަޖެންސީ ފިޔަވަޅުތައް އަޅައިފިއެވެ. މިކަމުގެ ސަބަބުން މިލިއަނުން ގުނާލެވޭ ރައްޔިތުންގެ އާދައިގެ ދިރިއުޅުމަށް ބުރޫއަރައި، ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކޮށް، ގިނަ ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ގަޑިއަކު 230 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭ މި ތޫފާނުގެ ސަބަބުން ގުއަންގްޑޮންގް ޕްރޮވިންސަށާއި ވަށައިގެންވާ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވެއެވެ. ޗައިނާގެ މުހިންމު ސިނާއީ އަދި ޓެކްނޮލޮޖީ މަރުކަޒެއް ކަމުގައިވާ ޝެންޒެންއިން 400,000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އަންގާފައިވާއިރު، އެތައް މިލިއަން މީހުންނަށް ވަނީ ގެއިން ބޭރަށް ނުނުކުތުމަށް އަންގާފައެވެ.
އެމަޖެންސީ އޮފީސްތަކުން ހާމަކޮށްފައިވާ ގޮތުގައި، ގަދަ ވާރެއާއި، ބިޔަ ރާޅުތަކުގެ އިތުރުން ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ކަމުން، ސަލާމަތީ މަސައްކަތްތެރިންނާއި ހިދުމަތްދޭ ފަރާތްތައް ފިޔަވައި އެހެން އެއްވެސް މީހެއް ގެއިން ބޭރަށް ނުނުކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޗާއޯޒޫ، ޒުހާއީ، ޑޮންގްގުއަން، އަދި ފޯޝާން ފަދަ ސިޓީތަކަށް ވަނީ އިތުރު ސަމާލުކަމުގެ އިންޒާރު ނެރެފައެވެ. މިސިޓީތަކުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި، ގަދަވަމުންއަންނަ މޫސުމީ ހާލަތުގެ ސަބަބުން "ސިޓީތަކަށް ނުރައްކާތެރި ހާލަތަކާ ކުރިމަތިވެދާނެ" ކަމަށް ބެލެވޭކަމަށެވެ.
ތޫފާނުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ. ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ތޫފާނުގެ އަސަރުކުރި ޕްރޮވިންސްތަކުން 700 އަށް ވުރެ ގިނަ ދަތުރުފަތުރު ވަނީ ލަސްކޮށް ނުވަތަ ކެންސަލްކޮށްފައެވެ. ފެރީގެ ހިދުމަތާއި ރޭލު ދަތުރުތަކަށް ވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ހޮންގްކޮންގްގައި ވެސް ކަމާބެހޭ ފަރާތްތަކުން ތޫފާނުގެ އެންމެ މަތީ ދަރަޖައިގެ އިންޒާރު ނެރެ، ބުރާސްފަތި ދުވަހާ ހަމައަށް ގިނަ ބޯޓު ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އަދި ރައްޔިތުންނަށް އެމަޖެންސީ ސާމާނާއި ކާނާ ތައްޔާރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މަރުކަޒީ މޫސުމާބެހޭ އިދާރާއިން ބުނި ގޮތުގައި، މި ތޫފާނުގެ އަސަރު ޕާލް ރިވަރ ޑެލްޓާ އިކޮނޮމިކް ކޮރިޑޯގެ އެތައް މިލިއަން ރައްޔިތުންނަށް ކޮށްފާނެއެވެ. މިއީ އާބާދީ ބޮޑު ސަރަހައްދެކެވެ. ރަސްމީ ފަރާތްތަކުން ބުނި ގޮތުގައި 770,000 އަށް ވުރެ ގިނަ މީހުން ވަނީ މިހާރުވެސް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި އަންނަ މަދު ދުވަސްތަކެއްގެ ތެރޭގައި އިތުރު އެއް މިލިއަން މީހުން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި، ތޫފާނުގެ ބާރުގަދަ ވައިގެ ސަބަބުން ބިލްބޯޑުތަކުގައި ހުރި ޕޯސްޓަރުތައް ވީދި، މަގުތަކުގެ އެއްފަރާތުގައި ހުރި ގަސްތައް ވަނީ ވެއްޓިފައެވެ. ކަރަންޓުގެ ނިޒާމަށް ދިމާވި މައްސަލަތައް ހައްލުކުރުމާއި، ފެންބޮޑުވުން ހުއްޓުވުމަށް އަޅާފައިވާ ގޭޓުތައް ރަނގަޅުކުރުމަށް އެމަޖެންސީ ޓީމުތައް ހަރަކާތްތެރިވަމުން ދެއެވެ.