ދުނިޔެ
ބޭރުގެ މުދާ ބޭނުންކުރުން ހުއްޓާލައި، ގައުމީ އުފެއްދުންތަކަށް އިސްކަންދިނުމަށް މޯދީ ގޮވާލައްވައިފި!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ރައްޔިތުންނަށް ގޮވާލައްވާފައިވަނީ ބޭރުގެ މުދާ ބޭނުންކުރުން ހުއްޓާލައި، ގައުމީ އުފެއްދުންތަކަށް އިސްކަންދިނުމަށެވެ. މިއީ އިންޑިއާގެ އިގްތިސާދީ މިނިވަންކަމާއި ހަރުދަނާކަން އިތުރުކުރުމަށްޓަކައި ކުރިމަތިކުރެއްވި ވަރަށް މުހިންމު އިލްތިމާސެކެވެ.
އާދިއްތަ ދުވަހު ގައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، އަމިއްލަ އުފެއްދުންތަކަށް ހިތްވަރުދިނުމަކީ ހަމައެކަނި އިގްތިސާދީ ސިޔާސަތެއްގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ހުރިހާ އިންޑިއާ ރައްޔިތުން ވަތަންދެކެވާ ލޯބީގެ ވާޖިބެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބޭރުގައި އުފައްދާފައިވާ އެތައް އެއްޗެއް ބޭނުންކުރަން. މި އާދަ ނައްތާލަން ޖެހޭ." މޯދީ ބުރާލާފައި ވިދާޅުވިއެވެ. "އަޅުގަނޑުމެން ގަންނަންވީ ހަމައެކަނި އިންޑިއާގައި އުފައްދާފައިވާ ތަކެތި"
ބޮޑުވަޒީރު މިފަދަ ވާހަކަފުޅުތަކެއް ދައްކަވާފައިވަނީ އެމެރިކާއާއެކު ވިޔަފާރީގެ ގުޅުންތައް ހީނަރުވެ، ޓެންޝަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުން އިންޑިއާގެ ތަފާތު އުފެއްދުންތަކަށް އަޅާ ޓެރިފް 50 އިންސައްތައަށް މަތިކުރެއްވުމާ ގުޅިގެން، މޯދީގެ 'ސްވަދޭޝީ' (އަމިއްލަ ގައުމީ އުފެއްދުންތައް) ހަރަކާތަށް އަލުން ފާޑުކިޔުން ބޮޑުވެފައިވާކަމަށް ބެލެވެއެވެ. މި ހަރަކާތަކީ ގައުމީ އުފެއްދުންތައް ބޭނުންކުރުމަށް ގޮވާލައި، އިމްޕޯޓްތަކަށް ބަރޯސާވުން ކުޑަކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ރިޕޯޓުތައް ބުނާގޮތުން، މޯދީގެ ސަޕޯޓަރުން ވަނީ މެކްޑޮނަލްޑްސް، ޕެޕްސީ އަދި އެޕަލް ފަދަ މަޝްހޫރު އެމެރިކާގެ ބްރޭންޑްތައް ބޮއިކޮޓް ކުރުން ފަށާފައެވެ. ސޯޝަލް މީޑިއާގެ ތެރެއިން ކުރިއަށްގެންދާ މި ކެމްޕޭނުގެ މަޤްސަދަކީ ކޮންސިއުމަރުންގެ ޚަރަދު ގައުމީ އުފެއްދުންތަކަށް ބަދަލުކުރުމެވެ.
ތަޖުރިބާކާރުން ބުނާގޮތުން، މޯދީ ބޭރުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ގައުމީ ރޫޙު އާލާކޮށްފި ނަމަވެސް، ދިގު މުއްދަތުގައި އޭގެ އިގްތިސާދީ އަސަރު ބިނާވެފައިވަނީ، ގައުމީ ސިނާއަތްތަކުން ކޮންސިއުމަރުންގެ ޑިމާންޑާ އެއްވަރަށް އުފެއްދުންތައް އިތުރުކުރުމަށް ކިހާވަރަކަށް ކުޅަދާނަވާނެތޯއަށެވެ.