ދުނިޔެ
މިޞްރުގެ މިޔުޒިއަމަކުން ޤަދީމީ ރަން އުޅާ ވަގަށް ނެގި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި

މިސްރުން ގެއްލުނު ރަން އުޅާ
މިޞްރުގެ ވެރިރަށް ކައިރޯގައި ހުންނަ މިޞްރުގެ ޤައުމީ މިޔުޒިއަމުން، އަގު ނުކުރެވޭ ވަރަށް އަގުބޮޑު ޤަދީމީ ރަން އުޅައެއް ވަގަށް ނަގައި، ވިއްކާލި، ފަހުން އެއީ ގުޅިގެން ކޮށްފައިވާ ކަމެއްކަން އެނގި، އެ މިޔުޒިއަމްގެ މުވައްޒަފަކާއި، އެކަމުގައި އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މިޞްރު ފުލުހުން ހައްޔަރުކޮށްފިއެވެ.
4,000 އެމެރިކާ ޑޮލަރަށް ވިއްކާލާފައިވާ މި އުޅާ ވަގަށް ނަގާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
މިޞްރުގެ ފިރުއައުނުގެ 21 ވަނަ ދަރިފަސްކޮޅުގެ (1070-945 ބީސީ) ރަސްކަމުގެ ދުވަސްވަރުގެ "އަމެނެމޯޕް" ނަމަކަށް ކިޔުނު ފިރުއައުނެއްގެ ޒަމާނަށް ނިސްބަތްވާ، 3,000 އަހަރު ދުވަހުގެ މި ޤަދީމީ ރަން އުޅައަކީ، ރަން ބޭންޑެއްގެ މައްޗަށް "ލެޕިސް ލާޒޫލީ" ސްޓޯންއަކުން ޒީނަތްތެރިކޮށްފައިވާ އުޅައެކެވެ
މި އުޅާ ވަގަށް ނަގާފައިވަނީ އިޓަލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒެއްގައި ބައިވެރި ކުރުމުގެ ހަފްތާއެއް ކުރިން، ތަޅުލާފައި ހުރި ތަނެއްގެ ތެރެއިންނެވެ. މިޞްރުގެ އެތެރޭގެ ކަންކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި އުޅާ ގެއްލިފައިވާކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު، މިޔުޒިއަމްގެ ކޮންސަވޭޝަން ލެބޯރެޓަރީގެ މެޓަލް ސޭފް އެއް ބަލާ ފާސްކުރަމުން ދަނިކޮށެވެ.
ފުލުހުން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި، މި އުޅާ ވަގަށް ނަގާފައިވަނީ ސެޕްޓެންބަރު 9 ގައި މަސައްކަތުގަ ހުއްޓާ، މިޔުޒިއަމްގައި މަސައްކަތްކުރާ ރިސްޓޮރޭޝަން ސްޕެޝަލިސްޓެކެވެ. އޭނާ އުޅާ ވިއްކާލުމަށް މަގުފަހިކޮށްދިނީ ކައިރޯގެ މެދުތެރޭގައި ހަރަކާތްތެރިވާ ރިހި ވިޔަފާރިވެރިއެއްގެ އެހީގައެވެ. ފުރަތަމަ އެއީ 180,000 މިޞްރު ޕައުންޑް (3,735 އެމެރިކާ ޑޮލަރު) އަށް ރަން ވިޔަފާރިވެރިއަކަށް ވިއްކާލާފައިވާއިރު، އޭނާ ވަނީ 194,000 މިޞްރު ޕައުންޑް (4,025 އެމެރިކާ ޑޮލަރު) އަށް ރަން ކައްކާ ފެކްޓަރީއެއްގައި މަސައްކަތް ކުރާ މީހަކަށް ވިއްކާލާފައެވެ. ވުޒާރާއިން ބުނި ގޮތުގައި، އޭގެ ފަހުން އެ އުޅާ ވަނީ އެހެނިހެން ބާ ނުވަތަ ބޭނުން ނުކުރާ ރަނާ އެކު އެއް ކޮށްލާފައެވެ.
ހައްޔަރުކުރެވުނު މީހުން ވަނީ އެކުރި ކުށަށް އިއުތިރާފުވެފައެވެ. މިޞްރުގެ ކަމާބެހޭ ފަރާތްތަކުން އާންމުކުރި ސެކިއުރިޓީ ކެމެރާ ފުޓޭޖުތަކުން ފެންނަނީ ފިހާރައެއްގެ ތެރޭގައި އެތައް ފައިސާއަކާ ބަދަލުކޮށް އުޅާ ދެ ބަޔަށް ބަހާލާ މަންޒަރެވެ. ނަމަވެސް، ފުޓޭޖުތަކުން އުޅާ ސާފުކޮށް ނުފެންނާތީ، އެއީ ރަސްމީ ފޮޓޯތަކުން ފެނުނު ލެޕިސް ލާޒޫލީ ޖެމްސްޓޯން ހުރި އުޅާކަމެއް ސާފެއް ނުވެއެވެ.
މިޞްރުގެ މީޑިއާ ރިޕޯޓުތަކުން ކުރިން ބުނެފައިވާ ގޮތުން، މި އުޅާ ގެއްލުނުކަން ފާހަގަވީ އަންނަ މަހު ރޯމްގައި ބާއްވަން ހަމަޖެހިފައިވާ "ޓްރެޝަރސް އޮފް ދަ ފެރަޢޫންސް" މައުރަޒަށް ތަކެތި ތައްޔާރުކުރުމުގެ އިންވެންޓްރީ ބަލަމުން ދަނިކޮށެވެ.
މިޞްރުގެ ޤާނޫނުތަކުގެ ދަށުން، ޤަދީމީ ތަކެތި ވަގަށް ނަގައި އެހެން ޤައުމަކަށް ގެންދަން އުޅުމުގެ ކުށް ސާބިތުވެއްޖެނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމަކާއި 1 މިލިއަނާއި 5 މިލިއަން މިޞްރު ޕައުންޑާ ދެމެދުގެ (20,000-100,000 އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދެއް) ޖޫރިމަނާ ކުރުމުގެ ހުކުމް އަންނާނެއެވެ. އަދި ޤަދީމީ ތަކެއްޗަށް ގެއްލުން ދިނުމުގެ ކުށަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމާއި، 1 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމުގެ ހުކުމް އަންނާނެއެވެ.
"ޖީން ގިލޯމް އޮލެޓް-ޕެލެޓިއަރ" ނަމަކަށް ކިޔުނު މިޞްރުގެ ތާރީޚީ ކަންކަމުގެ މާހިރެއް (އީޖިޕްޓޮލޮޖިސްޓް) އޭ.އެފް.ޕީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި އުޅާ ފެނިފައިވަނީ ނީލަ ކޯރުގެ އިރުމަތީ ޑެލްޓާގައި ހުންނަ "ޓެނިސް" އިން، ރަސްގެފާނު "ޕްސޫސެނިސް 1" ގެ ޤަބުރުފުޅު ކޮނެ ނެރުނު ތަނުންނެވެ. އެއީ އަމެނެމޯޕްގެ އަސްލު ޤަބުރުފުޅު ފޭރިގަތުމަށްފަހު އަލުން ވަޅުލެވިފައިވާ ތަނެކެވެ.