ޚަބަރު
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި

މުބާރާތް ރަސްމީކޮށް ފެށުން/ފޮޓޯ: ވުޒާރާ
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ގެ ނިޔަލަށެވެ. އެގޮތުން، މިރޭ ފެށި މުބާރާތުގައި ޖުމްލަ 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެއީ، ބަލައިގެން ކިޔެވުމުގެ ގޮފީގައި ވާދަކުރާ 582 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ގޮފީގައި ވާދަކުރާ 424 ބައިވެރިންނާއި، ޙާފިޡުންގެ ގޮފީގައި ވާދަކުރާ 31 ޙާފިޡުންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި މިއީ ގިނަ އަހަރުތަކެއް ފަހުން ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މި މުބާރާތް ކުރިއަށް ގެންދެވޭ އަހަރެއްކަން ފާހަގަކޮށްލެވޭކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، މިއަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ދެގުނައަށް އިތުރު ކުރުމަށް ނިންމަވާފައިވާކަމަށް ވެސް ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، މިއަހަރުގެ މުބާރާތުގައި ޙާފިޡުންގެ ބައިގައި ވާދަކުރާ ބައިވެރިންގެ ޢަދަދު ވެސް ބޮޑުތަނުން އިތުރުވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި މުބާރާތުގެ ޙާފިޡުންގެ ބައިގައި ޖުމްލަ 31 ޙާފިޡުން ބައިވެރިވެފައިވާއިރު، ފާއިތުވެ ދިޔަ އަހަރު ބޭއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ބައިވެރިިންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގައި ކަމަށެވެ. އެގޮތުން، ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެއި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައެވެ. އެގޮތުން، މިއަހަރުގެ މުބާރާތަކީ ވެސް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.