ދީން
ނަފްސުގެ ނުބައި ސިފަތަކުން ދުރުވުން، ބޮޑާކަމާއި ޙަސަދަވެރިކަމުން ސަލާމަތްވުން

ބޮޑާކަމާއި ޙަސަދަވެރިކަމުން ސަލާމަތްވުން
އިންސާނާގެ މި ނަފްސަކީ ހެޔޮކަމާއި ނުބައިކަން ވެސް ޤަބޫލުކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތުގައި ވަރަށް ބޮޑަށް ދެކޮޅު ހަދާ، އެއިން ދުރުހެލިވުމަށް އަންގަވާފައިވާ ނުބައި ސިފަތަކެއް ވެއެވެ. އެގޮތުން ބޮޑާކަމާއި ޙަސަދަވެރިކަމަކީ އިންސާނާގެ ހަޔާތަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާ، އަދި އާޚިރަތުގައި ވެސް ގެއްލުން މެދުވެރިކުރުވާ ދެ ސިފައެވެ.
މިއީ ނަބިއްޔާ ﷺ އެެކަންތައްތަކުން ދުރުވުމަށް އިންޒާރު ދެއްވާފައިވާ ނުބައި އަޚްލާޤުގެ ސިފަތަކެކެވެ. އަދި އެންމެ ފުރަތަމަ މާތް ﷲ ﷻ އަށް އުރެދުނު ފާފައަކީ، ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޙަސަދަަވެރިކަމެވެ. އިބްލީސް އާދަމްގެފާނަށް އިބްލީސް، އާދަމް ޢަލައިހިއްސަލާމަށް ޙަސަދަވެރިވުމަކީ އެކަން ސާބިތުކޮށްދޭ ހެއްކެކެވެ.
ވީމާ، އެއްވެސް މީހަކަށް ޙަސަދަވެރިވާނަމަ، އެހެން އިންސާނަކަށް ޙަސަދަވެރިވުމަކީ އިބްލީސްގެ ސިފައެއް ކަމާއި، އިބްލީސްގެ މަގުން ތިބާ ހިނގަމުންދާ ކަމެއްކަން ހަނދާންކުރާށެވެ. ޙަސަދަވެރިކަމުން ސަލާމަތްވުމަށް އެންމެ ފައިދާހުރި ގޮތަކީ، ތިބާ ޙަސަދަވެރިވާ މީހާއަށްޓަކައި ދުޢާކުރުމެވެ. ޚާއްސަކޮށް ސުޖޫދުގައި ހުރެ، މާތް ﷲ އަށް އެންމެ ގާތްވެފައިވާ ވަގުތުގައި، އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާކުރުމެވެ.
"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެބައިމީހުންގެ ކުށްތައް ފުއްސަވައިދެއްވާށި. އެބައިމީހުންނަށް ޢަފޫކުރައްވާށި. އެބައިމީހުން އެންމެ ރަނގަޅު މީހުންގެ ތެރެއިން ލައްވާށި. އެބައިމީހުންނަށް ރިޒްޤުދެއްވާށި. އަދި ހެޔޮކަންކަމުން އެބައިމީހުން ބޭނުންވާ އެއްޗެއް ދެއްވާށި."
ޚާއްސަކޮށް އެބައިމީހުންގެ ކިބައިން ތިބާ ޙަސަދަވެރިވާ ކަންތަކަށް. މިސާލަކަށް، ޢިލްމަށް ޙަސަދަވެރިވާނަމަ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެބައިމީހުންނަށް ޢިލްމު ދެއްވާށި. އަދި ޢިލްމުވެރިންގެ ތެރެއިން އެބައިމީހުން ލައްވާށި." މިފަދައިން ދުޢާކުރުމުން ތިބާގެ ހިތުގައިވާ ޙަސަދަވެރިކަން ދުރުވެ، ހިތް ސާފުވާނެއެވެ. މިއީ ތަޖުރިބާކުރެވިފައިވާ ކަމެއްކަމުގައި ބައެއް އިލްމުވެރިން ބުނެއެވެ.
އަހަރެމެންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިދާނެއެވެ. ނަމަވެސް، ޙައްދުފަހަނަޅައި ނުދިއުމަށާއި، އަޚާއަށް އަނިޔާވެރި ނުވުމަށް ސަމާލުވާށެވެ. ސުވަރުގޭގެ ދެ ޝައިޚުން ކަމުގައިވާ އަބޫބަކުރު رضي الله عنه އާއި ޢުމަރު رضي الله عنه ވެސް އެކި ފަހަރު މަތިން ހިޔާލު ތަފާތުވެފައިވެއެވެ.
ބޮޑާކަމުގެ ވާހަކަ ދައްކާނަމަ، ތިބާ ބޮޑާވަނީ ކޮން ކަމަކާ ހެދިތޯއެވެ؟ ތިބާ އަކީ ބިލިއަނަރެއްތޯއެވެ؟ ނުވަތަ މާޝާﷲ، ޢިލްމުވެރިންގެ ތެރޭގައި މަޝްހޫރު ބޮޑު ޢިލްމުވެރިއެއްތޯއެވެ؟ ޙަޤީޤަތުގައި ތިބާއަކީ ޢިލްމުވެރިއެއް ނަމަ، އަދި ޢިލްމުން ތިބާއަށް އަދަބު އުނގަންނައިދީފައިވާނަމަ، ތިބާ ބޮޑާކަމުން ދުރުހެލިވާނެއެވެ. ސަބަބަކީ، ޢިލްމަކީ ޙަސަދަވެރިކަމާއި، ޙައްދުފަހަނަޅައި ދިއުމާއި، ބޮޑާކަމާއި، ދަހިވެތިކަމާއި، ބިރުގަތުން ފަދަ ނުބައި ސިފަތަކުން ތިބާ ދުރުކޮށްދޭ އެންމެ މަތިވެރި ސަބަބެވެ. މި ހުރިހާ ސިފަތަކަކީ ވެސް ނަފްސު ހަލާކުކުރާ ސިފަތަކެކެވެ.
ވީމާ، ރަސޫލާ صلى الله عليه وسلم ގެ ސީރަތު މުޠާލިޢާކުރުން ގިނަކުރާށެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކާއި، ޝަޚްސިއްޔަތުފުޅާއި، ޙަޔާތްޕުޅާއި، ސީރަތުފުޅު ބަލާށެވެ. އެކަލޭގެފާނު މާފުކުރެއްވި ގޮތާއި، ދޫކޮށްލެއްވި ގޮތާއި، އަދި އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސަށްޓަކައި ބަދަލު ނުހިއްޕެވި ގޮތްތަކުން ތިބާއަށް ގިނަ ފިލާވަޅުތަކެއް ލިބި، އިންޝާﷲ، ތިބާގެ ނަފްސު އަދަބުވެރިވާނެއެވެ.