ދުނިޔެ

ކެރެލާގައި މިހާތަނަށް ފަރުވާއެއް ނެތް ނުރައްކާތެރި ސިކުނޑީގެ ބައްޔެއް ފެތުރެނޭ

ކެރެލާގައި މިހާތަނަށް ފަރުވާއެއް ނެތް ނުރައްކާތެރި ސިކުނޑީގެ ބައްޔެއް ފެތުރެނޭ

ޕްރައިމަރީ އެމީބިކް މެނިންގޯއެންސެފަލައިޓިސް (ޕީ.އޭ.އެމް)

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ސެޕްޓެމްބަރު 2025، 03:27

18 ސެޕްޓެމްބަރު 2025، 03:27

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެރެލާގައި ވަރަށް މަދުން ނަމަވެސް ފުރާނައަށް ނުރައްކާވާ އެންސެފަލައިޓިސް (ފަރުވާ ނުކުރެވޭ ސިކުނޑީގެ ބަލި) ޖެހޭ މީހުން އިތުރުވެ، ސިއްހީ އިދާރާތައް ވަނީ ހޭލުންތެރިވެ، ޓެސްޓުކުރުން އިތުރުކުރަން ފަށާފައެވެ. ސަރުކާރުން މިކަން ސިފަކުރަނީ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައެވެ.

ކެރެލާގެ ސިއްހަތާބެހޭ ވަޒީރު ބުދަދުވަހު ސްޓޭޓް އެސެމްބްލީގައި ވިދާޅުވީ، މި އަހަރުގެ ފެށުނީއްސުރެ ޕްރައިމަރީ އެމީބިކް މެނިންގޯއެންސެފަލައިޓިސް (ޕީ.އޭ.އެމް) ގެ 69 ހާލަތެއް ރިޕޯޓުކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 19 މީހުން މަރުވެފައިވާ ކަމަށެވެ. މިމީހުން މަރުވާން މެދުވެރިވެފައިވަނީ 'ބްރެއިން-އީޓިންގް އެމީބާ' ގެ ނަމުން މަޝްހޫރު 'ނޭގްލީރިއާ ފޯލެރީ' އާގެ ސަބަބުންނެވެ. މިދިޔަ މަހު ތިން މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ތިން މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެއެވެ.

އެންޑީޓީވީ ނިއުސްގައި ވަޒީރު ވީނާ ޖޯޖް ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ އަހަރާ ޚިލާފަށް، މި އަހަރު އެއްތަނަކުން  ގިނަ ކޭސްތަކެއް ފެންނަމުން ނުދެއެވެ. މިހާރު ފެންނަނީ ވަކިވަކި ކޭސްތަކެއް ކަމަށާއި، މިއީ އެޕިޑެމިއޮލޮޖިކަލް ތަހުގީގުތަކަށް އިތުރު ގޮންޖެހުންތަކެއް ހުށަހަޅާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެންޑީޓީވީ ބުނި ގޮތުގައި، މިދިޔަ އަހަރު މި ސްޓޭޓުން ޕީ.އޭ.އެމް. ގެ 36 ހާލަތެއް ރިޕޯޓުކޮށްފައިވާއިރު، ނުވަ މީހުން މަރުވެފައިވެއެވެ.

ކެރެލާ ސަރުކާރުގެ ލިޔުމަކުން ދައްކާ ގޮތުގައި، އެމީބިކް އެންސެފަލައިޓިސް އަކީ ވަރަށް މަދުން ނަމަވެސް ފުރާނައަށް ނުރައްކާވާ ސެންޓްރަލް ނާރވަސް ސިސްޓަމްގެ އިންފެކްޝަނެކެވެ. މިއީ ފެންގަނޑުތަކާއި، ކުޅިތަކާއި، ކޯރުތަކުގައި ހުންނަ ފްރީ-ލިވިންގް އެމީބާގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެމީބިކް އެންސެފަލައިޓިސްގެ ދެ ބާވަތުގެ ތެރެއިން، ޕްރައިމަރީ އެމީބިކް އެންސެފަލައިޓިސް ކެރެލާއިން ފެނިފައިވަނީ ނޭގްލީރިއާ ފޯލެރީގެކަމަށް އެ ލިޔުމުގައި ވެއެވެ.

ސަރުކާރުން ވަނީ މިހާރު ވަޅުތަކާއި، ފެން ރައްކާކުރާ ޓޭންކުތަކާއި، އާންމުން ފެންވަރަން ބޭނުންކުރާ ސަރަހައްދުތަކުގައި ކްލޯރިން އަޅަން ފަށާފައެވެ. އޭގެ އިތުރުން މީހުން ފެންވަރާ، އެމީބާއާ ދިމާވުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކުގައި ވެސް ކްލޯރިން އަޅާކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.

ގްލޯބަލީ ބަލާއިރު، ޕީ.އޭ.އެމް. ޖެހިގެން ސަލާމަތްވާ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް 3 އިންސައްތައެވެ. ނަމަވެސް އެޑްވާންސްޑް ޓެސްޓުކުރުމާއި ބަލި ދެނެގަތުމުގެ ސަބަބުން ކެރެލާއިން މި ނިސްބަތް 24 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ޖޯޖް ލޯކަލް މީޑިއާގައި ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރު ނެރެފައިވާ ސަރުކާރުގެ ލިޔުމުގައިވާ ގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެނުގެ ހޫނުމިން މަތިވެ، އަދި ހޫނުގެ ސަބަބުން ގިނަ ބަޔަކު ފެންކޯރުތަކަށް އެރުމުން މި ބަލި ޖައްސާ ޖަރާސީމާ ކުރިމަތިވުން އިތުރުވެދާނެ ކަމެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން