ޚަބަރު
ތ. މަޑިފުށީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވުމަށް ރައީސް ނިންމަވައިފި

ތ.މަޑިފުށި--
ތ. މަޑިފުށީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ކަނޑައަޅައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، މަޑިފުށީގެ އިޚްތިޞާޞްގައި ތ. އުފުރިޔާއާއި ތ. ކޮޅުފުށި ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ނިންމަވައިފައެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުގެ ދަށުން ނެރުއްވި، ނަންބަރު 24/2025 ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.
މަޑިފުށީގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިޢުކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.