ދުނިޔެ
3000 އަހަރުވީ ޤަދީމީ ރަނުގެ އަތުގައިއަޅާ އުޅައެއް މިސްރުގެ މިއުޒިއަމުން ގެއްލިއްޖެ

ގެއްލުނު އުޅާ
މިސްރުގެ ވެރިރަށް ކައިރޯގައި ހުންނަ މިއުޒިއަމްގެ ލެބޯޓްރީއެއްގެ ތެރެއިން 3,000 އަހަރުގެ ގަދީމީ ރަނުގެ އަތުގައިއަޅާ އުޅައެއް ގެއްލިފައިވާކަމަށް އެ ގައުމުގެ ޤަދީމީ ތަކެތީގެ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިން ބުނި ގޮތުގައި، އަތުގައިއަޅާ މި އުޅައަކީ ޢީސާގެފާނުގެ މީލާދީ އަހަރުގެ ކުރިން 1070 އާއި 945 ވަނަ އަހަރާ ދެމެދު ރަސްކަންކުރެއްވި ފިރްޢައުނު އަމެނަމޯޕްގެ ވެރިކަމުގެ ދުވަސްވަރާ ގުޅުންހުރި އެއްޗެކެވެ. އެ ވުޒާރާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަތުގައި އަޅާ މިއުޅާ އެންމެ ފަހުން ފެނިފައިވަނީ ކޮން އިރަކުކަން ސާފުނުވާ ކަމަށެވެ.
ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއުޅާ ގެއްލުނުކަން ހޯދުނުކަމަށް ބެލެވެނީ، މަޢުލޫމާތުތައް އަލުން ބެލުމުގެ ތެރެއިންނެވެ. ނަމަވެސް މިކަން މިހާތަނަށް މިނިވަންކޮށް ކަށަވަރުކުރެވިފައެއް ނުވެއެވެ. މިކަމުގެ ތަޙްޤީޤެއް ފަށާފައިވާކަމަށާއި، މިސްރުގެ އެއަރޕޯޓުތަކާއި، ބަނދަރުތަކާއި، ބޯޑަރު ހުރަސްކުރާ ހިސާބުތަކުގައި ޤަދީމީ ތަކެއްޗާ ބެހޭ ޔުނިޓުތައް ސަމާލުކަމުގައި ބަހައްޓާފައިވާކަމަށް ވުޒާރާއިން ހާމަކުރެއެވެ.
ކައިރޯގެ ތަޙްރީރު ސްކުއަރގައި ހުންނަ މިސްރުގެ މި މިއުޒިއަމްގައި، ފިރްޢައުނު އަމެނަމޯޕްގެ މަޝްހޫރު ރަންމާސްކް ވެސް ހިމެނޭ ގޮތަށް 170,000 އަށް ވުރެ ގިނަ ޤަދީމީ އާސާރީ ތަކެތި ހުންނަތަނެކެވެ. މި ހާދިސާ ހިނގާފައި މިވަނީ، މިސްރުގެ ގިނަ ދުވަސްތަކެއް ވެފައިވާ ގްރޭންޑް މިސްރު މިއުޒިއަމް އަންނަ ނޮވެމްބަރު 1 ގައި ހުޅުވުމަށް ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.