ޚަބަރު
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް: ފުރަތަމަ ފަހަރަށް ޙާފިޡުން ގެ ބައިގައި 31 ބައިވެރިން ވާދަކުރަނީ

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން/ފޮޓޯ: ވުޒާރާ
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ފުރަތަމަ ފަހަރަށް ޙާފިޡުން ގެ ބައިގައި 31 ބައިވެރިން ވާދަކުރާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރަތުގެ ޙާފިޡުންގެ ގޮފީގެ ބައިވެރިންގެ ޢަދަދަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން، މިއަހަރުގެ މުބާރާތުގެ ޙާފިޡުންގެ ގޮފީގައި ޖުމްލަ 31 ޙާފިޡުން ވާދަކުރާއިރު މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރަތާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ޙާފިޡުންނެވެ. މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން ޖުމްލަ 1037 ފަރާތަކުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިންނާއި، ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގައި ކަމަށެވެ. އެގޮތުން، ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެއި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މުބާރާތުގައި ވާދަކުރާ ޙާފިޡުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ޙާފިޡުން އުފެއްދުމާއި ޙާފިޡުންގެ އަގުވަޒަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން، މިހާރު ޙާފިޡުންނަށް ދެމުންދާ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ޙާފިޡުން ދަސްވެނިވުމަށް ޚާއްޞަކޮށް މިއަހަރުން ފެށިގެން ރަމަޟާން މަހުގެ 27 ވިލޭރޭ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވަން ފަށައިފައެވެ.