ދުނިޔެ

ނޭޕާލުން ފޭސްބުކް އަދި އެކްސް ހިމެނޭހެން މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރަން ނިންމައިފި

ނޭޕާލުން ފޭސްބުކް އަދި އެކްސް ހިމެނޭހެން މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރަން ނިންމައިފި

ނޭޕާލުން ފޭސްބުކް އަދި އެކްސް ހިމެނޭހެން މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރަން ނިންމުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ސެޕްޓެމްބަރު 2025، 03:37

06 ސެޕްޓެމްބަރު 2025، 03:37

ނޭޕާލް ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ، އެ ގައުމުގެ ގާނޫނުތަކާ އެއްގޮތަށް ރަޖިސްޓްރީ ވެފައިނުވާތީ، ފޭސްބުކް އަދި އެކްސް (ކުރީގެ ޓްވިޓާ) ހިމެނޭ ގޮތަށް މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން ހުއްޓުވުމަށް ނިންމާފައިވާ ކަމަށެވެ. މީގެ މަގްސަދަކީ އޮންލައިންކޮށް ފެތުރޭ ނަފްރަތުގެ ބަސްތަކާއި ދޮގު މައުލޫމާތާއި ސައިބަރ ކްރައިމް ކޮންޓްރޯލް ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

ނޭޕާލްގެ މުއާސަލާތީ އަދި މައުލޫމާތާއި ފަންނުގެ ވުޒާރާއިން ކަނޑައަޅާފައިވާ ރަޖިސްޓްރީވުމުގެ މުއްދަތު ބުދަ ދުވަހު ހަމަވެފައިވާއިރު، މި ޕްލެޓްފޯމްތަކަށް ވަނީ ލޯކަލް ކޮންޓެކްޓަކާއި، ޝަކުވާ ބަލައިގަންނަ ފަރާތަކާއި، އަމިއްލައަށް ކަންކަން ރެގިއުލޭޓް ކުރުމަށް ޒިންމާވާ ފަރާތެއް ހަމަޖެއްސުމަށް އަންގާފައެވެ.


މުއާސަލާތީ ވުޒާރާގެ ތަރުޖަމާނު ގަޖެންދުރަ ކުމާރު ޓާކޫރް އޭއެފްޕީއަށް ވިދާޅުވެފައިވަނީ، "ރަޖިސްޓްރީ ވެފައިނުވާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މިއަދުން ފެށިގެން ހުއްޓުވޭނެ" ކަމަށެވެ. މުއާސަލާތީ އަދި އައިޓީ މިނިސްޓަރު ޕްރިތްވީ ސުއްބާ ގުރޫންގް ވިދާޅުވީ، "އަޅުގަނޑުމެން އެމީހުންނަށް ރަޖިސްޓްރީ ވުމަށް އެކަށީގެންވާ ވަގުތު ދިނިން އަދި އެކަމަށް ތަކުރާރުކޮށް އެދުނިން، ނަމަވެސް އެމީހުން އެކަމަށް ސަމާލުކަމެއް ނުދިނުމުން ނޭޕާލްގައި އެމީހުންގެ އޮޕަރޭޝަން ހުއްޓުވަން ޖެހުނު" ކަމަށެވެ.


ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް ހިމެނޭ މެޓާ، ޔޫޓިއުބްގެ ވެރިފަރާތް އަލްފަބެޓް، އެކްސް، ރެޑިޓް އަދި ލިންކްޑިންއަށް ވަނީ ބުދަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމަށް އަންގާފައެވެ. ނަމަވެސް، އޭއެފްޕީގެ ރިޕޯޓްތައް ބުނާ ގޮތުގައި ބުރާސްފަތި ދުވަހުވެސް މި ޕްލެޓްފޯމްތަކަށް ވަދެވެއެވެ.

މިކަމަކީ 2023 ވަނަ އަހަރު ނެރުނު ޑައިރެކްޓިވްއަކާ ގުޅިގެން ކުރާ ކަމެކެވެ. އެ ޑައިރެކްޓިވްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރަޖިސްޓްރީވެ، ލޯކަލް އޮފީހެއް ގާއިމުކުރުމަށް ވަނީ ލާޒިމުކޮށްފައެވެ. ނޭޕާލްގައި މި ޕްލެޓްފޯމްތަކަށް އެތައް މިލިއަން ބަޔަކު ވަނުމުގެ އިތުރުން މުނިފޫހިފިލުވުމަށާއި، ޚަބަރު ހޯދުމަށާއި، ވިޔަފާރީގެ ބޭނުންތަކަށްވެސް ބޭނުންކުރެއެވެ. މިހާތަނަށް ޓިކްޓޮކް އާއި ވައިބަރ ހިމެނޭ ގޮތަށް އެންމެ ފަސް ޕްލެޓްފޯމް ރަސްމީކޮށް ރަޖިސްޓްރީވެފައިވާއިރު، އަނެއް ދެ ޕްލެޓްފޯމް ރަޖިސްޓްރީވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޑިޖިޓަލް ރައިޓްސް ނޭޕާލްގެ ރައީސް ބޯލާ ނާތު ދުންގާނާ ވިދާޅުވީ، ސޯޝަލް މީޑިއާ ހުއްޓުވުމުގެ މި ކުއްލި ނިންމުމުން ސަރުކާރުގެ "ކޮންޓްރޯލް ކުރާ" ސިޔާސަތު ދައްކުވައިދޭ ކަމަށެވެ. "މިއީ އާންމުންގެ އަސާސީ ހައްގުތަކަށް ސީދާ އަސަރުކުރާނެ ކަމެއް. ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމަކީ ގޯސް ކަމެއް ނޫން، އެކަމަކު އެކަން ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފުރަތަމަ ގާނޫނީ އޮނިގަނޑެއް ބޭނުންވޭ. މިފަދަ ކުއްލިކޮށް ހުއްޓުވުމަކީ ކޮންޓްރޯލް ކުރުން،" ދުންގާނާ ވިދާޅުވިއެވެ.


ނޭޕާލުން ވަނީ މީގެ ކުރިންވެސް މަޝްހޫރު އޮންލައިން ޕްލެޓްފޯމްތަކަށް ވަނުން ހިފަހައްޓާފައެވެ. މިދިޔަ ޖުލައި މަހު ޓެލެގްރާމް މެސެޖިންގ އެޕްއަށް ވަނުން ބަންދުކުރިއިރު، ސަރުކާރުން ބުނެފައިވަނީ އޮންލައިން މަކަރާއި މަނީ ލޯންޑަރިންގ އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޓިކްޓޮކްގެ ދެކުނު އޭޝިއާ ބައި ނޭޕާލްގެ ގަވާއިދުތަކަށް ތަބާވާން އެއްބަސްވުމުން، ނުވަ މަސް ދުވަހަށްފަހު އެ ޕްލެޓްފޯމްގެ މައްޗަށް އޮތް ބަންދު އުވާލިއެވެ.

މުޅި ދުނިޔޭގެ ސަރުކާރުތަކުން، އޭގެ ތެރޭގައި އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، ބްރެޒިލް އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް، މިސްއިންފޮމޭޝަން، ޑޭޓާ ޕްރައިވެސީ، އޮންލައިން ގެއްލުން އަދި ގައުމީ ސަލާމަތާ ގުޅޭ ކަންކަމާ ހެދި ސޯޝަލް މީޑިއާ އާއި ބޮޑެތި ޓެކް ކުންފުނިތަކަށް މިހާރު ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އިންޑިއާއިން ވަނީ ލޯކަލް ކޮމްޕްލަޔަންސް އޮފިސަރުންނާއި މައުލޫމާތު ނެގުމުގެ އުސޫލުތައް ލާޒިމުކޮށްފައިވާއިރު، ޗައިނާއިން ދަނީ ހަރުކަށި ސެންސަރުގެ ގާނޫނުތަކާއި ލައިސަންސިންގ ކޮންޓްރޯލްތައް ކަނޑައަޅަމުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން