ދުނިޔެ

ނިޔާވިކަމަށް ހޮސްޕިޓަލުން ބުނި ތުއްތު ކުއްޖަކު އަލުން ނޭވާލާންފަށާ، ދެދުވަހަށްފަހު އަނެއްކާ ނިޔާވެއްޖެ

ނިޔާވިކަމަށް ހޮސްޕިޓަލުން ބުނި ތުއްތު ކުއްޖަކު އަލުން ނޭވާލާންފަށާ،  ދެދުވަހަށްފަހު އަނެއްކާ ނިޔާވެއްޖެ

ކުއްޖާ ބާއްވާފައި އޮތް ކަރުދާސް ފޮށި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ސެޕްޓެމްބަރު 2025، 12:21

02 ސެޕްޓެމްބަރު 2025، 12:21

ފިލިޕީންސްގެ ދާވާއޯ ސިޓީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި، އުފަންވުމާއެކު މަރުވެފައިވާ ކަމަށް ބެލެވުނު ތުއްތު ފިރިހެން ކުއްޖަކު، ގަޑިއެއްހާއިރު ފަހުން ދިރިހުރި ކަމަށް ފާހަގަކުރެވި، ދެ ދުވަސް ފަހުން އަލުން ނިޔާވުމާ ގުޅިގެން، އެ ކުއްޖާގެ އާއިލާ ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. މި ނާދިރު ހާދިސާގައި، އާއިލާއަށް ލިބުނު ކުރު މުއްދަތުގެ އުންމީދަށްފަހު، އަލުން ކުރިމަތިވި ހިތްދަތިކަމުން އެމީހުން ވަނީ ބޮޑު ހައިރާންކަމަކާ ކުރިމަތިލާންޖެހިފައެވެ.

އޮގަސްޓު 23 ވަނަ ދުވަހު އުފަންވި މި ތުއްތު ކުއްޖާ ދުނިޔެއަށް އައީ ދުވަސް ނުފުރާ، އޭނާގެ މަންމަ ޓްރައިސައިކަލެއްގައި ދަތުރުކުރަމުންދަނިކޮށެވެ. 911 އެމަޖެންސީ ޓީމަކުން ވަގުތުން ފިލިޕީންސްގެ މެޑިކަލް ސެންޓަރު (އެސް.ޕީ.އެމް.ސީ) އަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މަސައްކަތް ކާމިޔާބުނުވެ، ކުއްޖާ މަރުވެފައިވާ ކަމަށް ނިންމުނެވެ. އޭގެ ފަހުން، ކުއްޖާގެ ހަށިގަނޑު ކަރުދާސްފޮއްޓެގައި އާއިލާއާ ހަވާލުކުރެވުނެވެ.

ގޭގައި ފޮށި ހުޅުވާލުމުން، ކުއްޖާ އަދިވެސް ނޭވާލާ ކަމުގެ ނިޝާންތަކެއް ފެނުމާއެކު، އާއިލާއިން ވަގުތުން ކުއްޖާ އަނބުރާ އެސް.ޕީ.އެމް.ސީ. އަށް ގެންދިޔައެވެ. ހޮސްޕިޓަލުން ކުއްޖާ އިންކިއުބޭޓަރެއްގައި ބެހެއްޓި ނަމަވެސް، ދެ ދުވަސް ފަހުން، އޮގަސްޓު 25 ވަނަ ދުވަހު، ކުއްޖާ އަލުން ނިޔާވިއެވެ.

އެސް.ޕީ.އެމް.ސީ.ގެ ޗީފް ޑރ. ރިކާޑޯ އޯޑަން މި ހާދިސާއާ ގުޅޭގޮތުން ދެ ކަމެއް ފާހަގަކުރެއްވިއެވެ. އެއީ 'ލާޒަރަސް ސިންޑްރޯމް' ކަމަށް ބުނެވޭ ނާދިރު މެޑިކަލް ހާލަތާއި، ކަރުދާސް ފޮށީގެ ސަބަބުން ކުއްޖާގެ ހަށިގަނޑުގެ ހޫނުމިން ހިފެހެއްޓިފައިވުމެވެ.

ކުއްޖާގެ އާއިލާއިން ހޮސްޕިޓަލުގެ އިޖުރާއަތުތަކާމެދު ކަންބޮޑުވުން ފާޅުކުރުމުން، ޑރ. އޯޑަން ވިދާޅުވީ ދުވސްނުފުރާ އުފަންވާ ކުދިންގެ ހަންގަނޑު ވަރަށް ނާޒުކުވާނެ ކަމަށާއި، ހަންގަނޑު ސާފުކުރުމަށް އިތުރު ބާރެއް ބޭނުންކޮށްފިނަމަ އަނިޔާވެދާނެ ކަމަށެވެ.
ބަރުދަނުގައި އެންމެ 800 ގްރާމް ހުރި، އަދި ހިތުގެ ވިންދު ވަރަށް ނާޒުކުކޮށް ޖަހަމުންދިޔަ މި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތަކީ ވަރަށް ގޮންޖެހުންތަކެއް ހުރި މަސައްކަތެކެވެ. ޑރ. އޯޑަން ވިދާޅުވި ގޮތުގައި، މިފަދަ ހާދިސާއެއް އެސް.ޕީ.އެމް.ސީ.ގައި ހިނގި މިއީ ފުރަތަމަ ފަހަރެވެ.އަދި ހޮސްޕިޓަލުން ވަނީ މި ހިތާމަވެރި ހާދިސާއާ ގުޅިގެން އާއިލާއާ ބައްދަލުކޮށް މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.

'ލާޒަރަސް ސިންޑްރޯމް' ނުވަތަ 'އޯޓޯރިސަސިޓޭޝަން' އަކީ ކާޑިއޯޕަލްމޮނަރީ ރިސަސިޓޭޝަން (ސީ.ޕީ.އާރު) މަސައްކަތް ކާމިޔާބުނުވެ، މީހަކު މަރުވެއްޖެ ކަމަށް ނިންމުމަށްފަހު، އަލުން ހިތުގެ ވިންދު ފެށޭ ނާދިރު ހާލަތެކެވެ. މި ޙާލަތާ ގުޅޭ ރިޕޯޓުތައް މެޑިކަލް ދާއިރާގައި ފުރަތަމަ ފާހަގަކުރެވުނީ 1982 ވަނަ އަހަރު ލިންކޯ އެޓް އާލްގެ ފަރާތުންނެވެ. އަދި 'ލާޒަރަސް' މި ނަން ބޭނުންކުރަން ފެށުނީ 1993 ވަނަ އަހަރު ބްރޭގެ ފަރާތުންނެވެ. މިފަދަ ހާލަތެއް ދިމާވުމުން ދޭހަވަނީ މަރުވެއްޖެ ކަމަށް ނިންމުމަށްފަހު އަލުން ދިރިއުޅުމަށް އައުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން