ދުނިޔެ
އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އެޑްވޮކޭޓަކަށް މުނީބާ މަޒާރީ ހަމަޖައްސައިފި

މުނީބާ މަޒާރީ
ޕަބްލިކް ސްޕީކަރ އަދި ހައްގުތަކަށް ވަކާލާތުކުރައްވާ ފަރާތެއް ކަމަށްވާ މުނީބާ މަޒާރީ، އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ގެ އެޑްވޮކޭޓެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ. މިކަން އދ. ގެ އަންހެނުންގެ (ޔޫ.އެން. ވުމަން) ފަރާތުން ހުކުރު ދުވަހު އިއުލާންކޮށްފައި ވެއެވެ.
މުނީބާ މަޒާރީއަކީ މީގެކުރިން ޕާކިސްތާނުގެ ފުރަތަމަ އަންހެން ޔޫ.އެން. ވުމަން ގުޑްވިލް އެމްބެސެޑަރެއްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެކަމަނާ މި މަގާމަށް ހަމަޖެއްސީ ޖެންޑަރ ހަމަހަމަކަމާއި، އިޖްތިމާޢީ އިންސާފާއި، ހިމެނުމަށް ޕާކިސްތާނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަމަނާ ކުރައްވާފައިވާ ބުރަ މަސައްކަތަށް އިހުތިރާމް ކުރުމުގެ ގޮތުގައެވެ.
އެސްޑީޖީ އެޑްވޮކޭޓެއްގެ ހައިސިއްޔަތުން، މަޒާރީ ގުޅިވަޑައިގަންނަވާނީ ބާބަޑޯސްގެ ބޮޑުވަޒީރު މިއާ މޮޓްލީ އާއި ބެލްޖިއަމްގެ ރާނީ މެތިލްޑޭ ފަދަ ބައިނަލްއަޤްވާމީ އެހެން ލީޑަރުންނާއެވެ. އެކަމަނާގެ މަސައްކަތްޕުޅު ބިނާވެފައި ވަނީ 2030 އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓްގެ ދަށުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ހޭލުންތެރިކަން އިތުރުކޮށް، މަސައްކަތްކުރުމަށް ހިތްވަރުދީ، އެކަމަށް ތާއީދު ހޯދުމަށެވެ
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، ރަސްމީ ސިޓީއެއްގައި މަޒާރީގެ މަސައްކަތްޕުޅަށް ތަޢުރީފުކުރައްވާފައި ވެއެވެ. އަދި އެކަމަނާއަކީ "ގިނަ ބައެއްގެ ނަމޫނާއެއް އަދި ހިމެނުމާއި ޖެންޑަރ ހަމަހަމަކަމަށް މުހިންމު އަޑެއް" ކަމަށް ގުޓެރޭޒް ވިދާޅުވެފައި ވެއެވެ. އެސްޑީޖީތަކަށް ދުނިޔޭގެ ފެންވަރުގައި ސަމާލުކަން ހޯދުމަށް އެކަމަނާގެ ނުފޫޒު ބޭނުންކުރުމަށް ވެސް އެދުނެވެ.
މި މަގާމަށް ހަމަޖެއްސެވުމުން "ވަރަށް ބޮޑަށް ޝަރަފުވެރިކަން އިހުސާސްކުރައްވާ" ކަމަށް މަޒާރީ ވިދާޅުވިއެވެ. އަދި "މިއީ ހަމައެކަނި ލަގަބެއް ނޫން. މިއީ އަޑުނުއުފުލޭ ފަރާތްތަކަށް އަޑުއުފުލައިދިނުމުގެ މަސްއޫލިއްޔަތެއް. އެކުގައި، އަޅުގަނޑުމެންނަށް އިތުރަށް ދުޅަހެޔޮ، އިންސާފުވެރި އަދި އެކަކު އަނެކަކަށް ހަމްދަރުދީވާ ދުނިޔެއެއް ބިނާކުރެވޭނެ،" މަޒާރީ އިތުރަށް ވިދާޅުވިއެވެ.
މަޒާރީއަށް ފުރަތަމަ ފާހަގަކުރެވުނީ 2015 ވަނަ އަހަރު ޕާކިސްތާނުގެ ޔޫ.އެން. ވުމަން ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެއްސެވުމުންނެވެ. އެއަށްފަހު، އެކަމަނާ ވަނީ އަންހެނުންނާއި އަންހެންކުދިން ބާރުވެރިކުރުވުމަށް ގައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރައްވާ، ހަމަހަމަކަމަށް ވަކާލާތުކުރައްވާ މުހިންމު އަޑަކަށް ވެފައެވެ.
2015 ވަނަ އަހަރު، ބީބީސީގެ "100 މޮސްޓް އިންސްޕިރޭޝަނަލް ވުމަން" ލިސްޓުގައި ޕާކިސްތާނުން ހިމެނުނު ދެ މީހުންގެ ތެރޭގައި މަޒާރީ ހިމެނެއެވެ. މަޒީރާ ޕާކިސްތާނު ޓެލެވިޜަންގެ ހުށަހެޅުންތެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވައެވެ. މަޒީރާއަކީ އެ ޖަމާއަތުގެ ފުރަތަމަ ވީލްޗެއަރ ގައި ހުށައަޅައިދެއްވި ހުށަހެޅުންތެރިޔާ އެވެ.
މަޒާރީ ވަނީ ފެޝަން އަދި މީޑިއާ ދާއިރާއިން ވެސް ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައެވެ. ޕާކިސްތާނުގައި ޓޯނީ އެންޑް ގައި ސެލޫންތަކަށް ފުރަތަމަ ވީލްޗެއަރ ބޭނުންކުރައްވާ މޮޑެލްގެ ގޮތުގައި މަސައްކަތްކުރެއްވީ އެކަމަނާ އެވެ. 2016 ވަނަ އަހަރު އެކަމަނާ ހާސިލުކުރެއްވި ކާމިޔާބީތަކަށްޓަކައި ފޯބްސްގެ "30 އަންޑަރ 30" ލިސްޓުގައި ވެސް ހިމަނާފައި ވެއެވެ.