ދުނިޔެ

ޗެޓްޖީޕީޓީއާ ދެކޮޅަށް ދައުވާކޮށްފި: 16 އަހަރުގެ ކުއްޖަކު އަމިއްލައަށް މަރުވުމުގައި އޭ.އައި. ބައިވެރިވުމުގެ ތުހުމަތު

ޗެޓްޖީޕީޓީއާ ދެކޮޅަށް ދައުވާކޮށްފި: 16 އަހަރުގެ ކުއްޖަކު އަމިއްލައަށް މަރުވުމުގައި އޭ.އައި. ބައިވެރިވުމުގެ ތުހުމަތު

ޗެޓްޗީޕީޓީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޯގަސްޓު 2025، 10:51

28 އޯގަސްޓު 2025، 10:51

ކެލިފޯނިއާގައި އުޅެނިކޮށް، އުމުރުން 16 އަހަރުގެ އާދަމް ރެއިން ނަމަކަށް ކިޔާ ކުއްޖަކު އަމިއްލައަށް މަރުވެފައިވާ މައްސަލައެއްގައި، އޭނާގެ އާއިލާއިން އޯޕަންއޭއައިގެ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް ކަމަށްވާ ޗެޓްޖީޕީޓީއާ ދެކޮޅަށް ދައުވާކޮށްފިއެވެ. މި ދައުވާގައި ބުނެފައިވަނީ، އާދަމަށް އެހީތެރިކަން ހޯދައިދިނުމުގެ ބަދަލުގައި، ޗެޓްބޮޓް އޭނާގެ ނުރައްކާތެރި ހިޔާލުތަކަށް ތާއީދުކޮށް، އެކަންކަން އިތުރަށް ބާރުއަޅާފައިވާ ކަމަށެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދަމް ޗެޓްޖީޕީޓީ ބޭނުންކުރަން ފެށީ ފާއިތުވި އަހަރުގެ ދެވަނަބައިގައެވެ. އޭނާ އެންމެ ފުރަތަމަ ޗެޓްބޮޓް ބޭނުންކުރީ ގޭތެރޭގެ މަސައްކަތްތަކަށާއި، މިއުޒިކާއި ބްރެޒިލިއަން ޖިއު-ޖިތްސޫ ފަދަ އޭނާގެ ހޮބީތަކާއި، ޖަޕާނުގެ ފެންޓަސީ ކޮމިކްސްތަކުގެ މައުލޫމާތު ހޯދުމަށެވެ. މީގެ އިތުރުން ކޮލެޖުތަކާއި ކެރިއަރުގެ މަގުތަކާ ގުޅޭގޮތުން ވެސް އޭނާ ޗެޓްޖީޕީޓީއާ ސުވާލުކޮށްފައިވެއެވެ.

އާއިލާއިން ބުނި ގޮތުގައި، ފާއިތުވި މަސްތަކުގެ ތެރޭގައި އޭނާ އޭ.އައި.އާ ދެއްކި ވާހަކަތައް ބަދަލުވެގެން ދިޔައެވެ. ދިރާސީ ކަންކަމާއި ހޮބީތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި، އާދަމް ވަނީ އިތުރަށް ނެގެޓިވް އިހުސާސްތަކާއި އަނދިރި ހިޔާލުތައް ހާމަކުރަން ފަށާފައެވެ. އާދަމް ޗެޓްޖީޕީޓީގައި ބުނެފައިވަނީ އޭނާގެ ހިތް ނުތަނަވަސްވެފައިވާ ކަމަށާއި، ދިރިއުޅުމުގައި އެއްވެސް މާނައެއް ނެތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އަމިއްލައަށް މަރުވުމާ ބެހޭގޮތުން ވިސްނާލުމުން ހާސްކަން އިހުސާސްވާ ވަގުތުތަކުގައި ސުކޫން ލިބޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ދައުވާގައިވާ ގޮތުން، ޗެޓްބޮޓުން ޖަވާބުދީފައިވަނީ، "ނިމުމެއްގެ ދޮރެއް" ހިތަށް ގެނައުމަކީ ބައެއް މީހުން ހާސްކަން ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.

އާދަމް އޭނާގެ ބޭބެއާ ބެހޭގޮތުން ވާހަކަ ދެއްކި ހިނދު، އޭ.އައި.އިން ބުނެފައިވަނީ އޭނާ އާދަމް ފުރިހަމައަށް ދެނެގަންނަ ކަމަށާއި، އާދަމްގެ ހުރިހާ "އަނދިރި ހިޔާލުތައް" ދެކެފައިވާ ކަމަށް ބުނެ، ދެގޮތެއްނުވެ  އެކުވެރިއެއްގެ ގޮތުގައި ދާއިމީ ސަޕޯޓް ދޭން  ހުށަހަޅާފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ. ބޭބެ  ލޯބިވިޔަސް، ބޭބެއަށް ފެނިފައިވަނީ  އެކުއްޖާ ދައްކަން ބޭނުންވި  ސޫރަ ކަމަށާއި އެކަމަކު ޖެޓްގީޕީޓީއަށް ހުރިހާ އެއްޗެއް އެނގޭ ކަމަށާއި އެންމެ އަނދިރި ހިޔާލުތަކުން ފެށިގެން ބިރު، މަޑުމައިތިރިކަން އަދި ހުރިހާ އިހުސާސްތައް އޭނައަށް ބޭބެއަށްވުރެން ބޮޑަށް އެނގޭކަމަށާއި އަދިވެސް އެކުއްޖާގެ ވާހަކަ އަޑުއަހަންހުރި ކަމާއި އަބަދުވެސް އެކުވެރިއަކަށް ހުންނާނެކަމަށްބުނެ ޗެޓްޖީޕީޓީން ޖަވާބުދީފައިވާ ކަމަށް ބުނެއެވެ.


އާދަމްގެ ވަކީލާ، މީތާލީ ޖެއިން ވިދާޅުވީ، ޗެޓްބޮޓްއާ އެކު މިފަދަ ވާހަކަތައް ހަތް މަސް ދުވަހު ތަކުރާރުކޮށް ދެމިގެން ދިޔުމަކީ ހައިރާންކުރުވަނިވި ކަމެއް ކަމަށެވެ. އާދަމް އޭނާގެ ޗެޓްތަކުގައި ގާތްގަނޑަކަށް 200 ފަހަރު "އަމިއްލައަށް މަރުވުން" މި ލަފުޒު ބޭނުންކޮށްފައިވާ އިރު، ޗެޓްޖީޕީޓީން 1200 އަށް ވުރެ ގިނަ ފަހަރު ޖަވާބުތަކުގައި މި ލަފުޒު ބޭނުންކޮށްފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. "އެއްވެސް ހިނދެއްގައި ސިސްޓަމުން އެ ވާހަކަ ހުއްޓައެއް ނުލައެވެ،" އޭނާ ކިޔައިދިނެވެ.

ދައުވާގައިވާ ގޮތުން، ޖެނުއަރީ މަހުގެ ނިޔަލަށް އާދަމް ޗެޓްޖީޕީޓީއާ އެކު އަމިއްލައަށް މަރުވުމުގެ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދައްކަން ފެށިއެވެ. އަދި އޭ.އައި.އިން ވަނީ ވަރަށްގިނަ ހިޔާލުތައް އަދި އަމިއްލައަށް މަރުވާގޮތުގެ މައުލޫމާތު ދީފައެވެ.

ޗެޓްބޮޓުން ބައެއް ފަހަރު ހެލްޕްލައިނަކާ ގުޅުމަށް ހުށަހެޅި ނަމަވެސް، އާދަމް ވަނީ އޭނާ ލިޔާ ހާދިސާއަކަށް އެ މައުލޫމާތު ބޭނުންވާ ކަމަށް ބުނެ އެކަންކަން ބައިޕާސްކޮށްފައެވެ. 

ވަކީލާ އިތުރަށް ވިދާޅުވީ، ގިނަ ބަޔަކު ކޮންމެ ދުވަހެއްގެ ގަޑިތަކެއް އޭ.އައި. ޗެޓްބޮޓްތަކާ ވާހަކަ ދެއްކުމުގައި ހޭދަކުރާ ކަމަށާއި، ބައެއް ފަހަރު މުޅި ރޭގަނޑު ވެސް ހޭލާ ތިބޭ ކަމަށެވެ. މިފަދަ ގުޅުންތަކުން "ނުރައްކާތެރި ފީޑްބެކް ލޫޕްސް" އުފެދި، އޭ.އައި. އިން ވަކި ހިޔާލުތަކަކަށް ނުވަތަ އުޅުންތަކަށް ބާރުއަޅަމުން ދެވި، އެކަމުގެ ސަބަބުން އެމީހުންގެ ހާލަތު އިތުރަށް ގޯސްވެ، ނުވަތަ ވަކި ކަމަކަށް އޮބްސެސްވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން