ޚަބަރު
ނޮޅިވަރަންފަރުގައި އައު ސްކޫލެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި

ނޮޅިވަރަންފަރުގައި އައު ސްކޫލެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން---

ފަރުދުން
26 އޯގަސްޓު 2025، 08:22
26 އޯގަސްޓު 2025، 08:22
ހދ. ނޮޅިވަރަންފަރުގައި އައު ސްކޫލެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ.
މި ސްކޫލް ތަރައްޤީ ކުރުމަށް ނިންމާފައި ވަނީ ކައުންސިލުން އިމާރާތްކޮށްފައިވާ އިމާރާތެއް ހުންނަ ބިމެއްގައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަލަށް ތަރައްޤީކުރާ ސްކޫލްގައި މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމްތަކާއި އެކިއެކި ލެބްތައް ހިމެނޭނެކަމަށެވެ. އަދި އެ ސްކޫލް ތަރައްޤީކުރާނީ ހުރިހާ ޚިދުމަތްތަކާއެކުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތް ފަށާ އަންނަ އަހަރު އެ މަސައްކަތުގެ ބޮޑުބައެއް ނިންމާލެވޭނެކަމަށެވެ. އަދި 2027 ވަނަ އަހަރު ސްކޫލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.